
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނަ އަޅައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްުޔެ ނިޔަލަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 999,344އަށް އަރާފައެވެ. އެހެންކަމުން މިހާރު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދުން ބަލާނަމަ އެއް މިލިއަނަށްވުރެ ގިނަ ޓޫރސްޓުން ވަނީ އައިސްފައެވެ.
ތަފާސްހިސާބުތަކުން އެންމެ ފާހަގަކޮށްލެވެނީ މި އަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް އައި ޒިޔާރަތްތެރިންގެ އަދަދެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހު 216,309 މީހުން އައިއިރު، މިއަހަރުގެ ފެބުރުއަރީ މަހު އެ އަދަދު ވަނީ 15.7 އިންސައްތައިގެ ބޮޑު ކުރިއެރުމަކާ އެކު 254,556 އަށް އިތުރުވެފައެވެ. މީގެ އިތުރުން ޖަނަވަރީ މަހު ވެސް ވަނީ 5.0 އިންސައްތައިގެ ކުރިއެރުމަކާ އެކު 227,403 ޒިޔާރަތްތެރިން ރާއްޖެއަށް އައިސްފައެވެ. ނަމަވެސް، މާރިޗު އަދި އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިން އައި އަދަދު ވަނީ ދަށަށް ގޮސްފައެވެ.
މާރިޗު މަހު 20.7 އިންސައްތަ ދަށަށް ގޮސް، އައީ 166,616 ޒިޔާރަތްތެރިންނެވެ. އޭޕްރީލް މަހު 24.4 އިންސައްތަ ދަށަށް ގޮސް، އައީ 152,861 ޒިޔާރަތްތެރިންނެވެ. މި ދަށްވުމަށްފަހު، މޭ މަހު އަނެއްކާވެސް ފަތުރުވެރިކަން ވަނީ ސުންގަޑިން މައްޗަށް އަރައި 1.7 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
މިއަހަރުގެ ތަފާސްހިސާބުތަކުން އެންމެ އުފާވެރި ނަތީޖާއެއް ދެއްކީ ކްރޫޒް ޕަސެންޖަރުންނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒް ލައިނާތަކުން ރާއްޖެއަށް އައީ 8,263 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 14,847 އަށް އަރާފައެވެ. މިއީ ކްރޫޒް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޚާއްޞަކޮށް ފެބުރުއަރީ މަހު އެކަނި ވެސް 5,237 ކްރޫޒް ޕަސެންޖަރުން ރާއްޖެއަށް އައިސްފައިވެއެވެ.

