
ދީލަތިކަމާ އެކު ލޭ ހަދިޔާކުރުމުން އެތަށް ފުރާނައެއް ސަލާމަތް ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އެ އަގުހުރި ހިއްސާއާއި ދީލަތިކަމުގެ ސަބަބުން އެތައް މީހުންގެ ފުރާނަ ސަލާމަތްވުމުގައި އެހީތެރިކަން ދެވިފައިވާ ކަމަށެވެ. އެ މީހުންގެ އަމިއްލަ އެދުން ކުޑަ އަމަލަކީ، މުޅި އުމުރަށް ތަހައްމަލުކުރަމުންދާ ބަލިތަކާއި، ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށް އެންމެ މުހިންމު ވަގުތުތަކުގައި ބޭނުންޖެހޭ އެހީތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
On #WorldBloodDonorDay, we recognise the invaluable contribution of voluntary blood donors, whose generosity helps save lives. Their selfless act ensures that those suffering from lifelong conditions or patients requiring emergency care receive the support they need when it… pic.twitter.com/Bd9g13Giw2
— Dr Mohamed Muizzu (@MMuizzu) June 14, 2026
“ބޭސްވެރިކަމަށް ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބުނު ނަމަވެސް ލެއަކީ ބަދަލުނުކުރެވޭނެ ވަސީލަތެއް. އެހެންކަމުން އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ސިއްހީ ހިދުމަތް ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާއި، ގައުމީ ކުއްލި ހާލަތަަށް ތައްޔާރުވުމުގައި ހިލޭ ސާބަހަށް ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް،” ރައީސް ވިދާޅުވިއެވެ.
ރާއްޖެ ފަދަ ޖިއޮގްރަފީ ގޮތުން ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެތުރިފައި އޮންނަ ގައުމަކަށް، ލޭ ލިބުމަކީ ވަރަށް ބޮޑު ތަކުލީފެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުން ދެމި އޮންނާނީ ލޭ ހަދިޔާކުރުމުގެ މުހިންމުކަން ހޭލުންތެރިކޮށްދިނުމާއި، އެ ސަގާފަތް ކުރިއެރުވުމުގެ އިތުރުން އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެން ވެސް ހިއްސާކުރެވޭ ޒިންމާއެއްކަން ގަބޫލުކުރާ ސަގާފަތް ވަރުގަދަކުރުން މަތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

