
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބޭއްވި އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފިއެވެ.
އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ކުރިއަށްގެންދިޔަ މި ވޯޓުލުމުގައި ފަންސާސް ހާހަށްވުރެ ގިނަ މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވީ ނަމަވެސް، ވޯޓުލާފައި ވަނީ 31،129 މީހުންނެވެ. މި އިންތިޚާބުގައި ޖުމްލަ ތިން ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ހޯއްދެވީ 21،301 ވޯޓު ކަށަވަރުކުރައްވައިގެންނެވެ.
ވަގުތީ ނަތީޖާ – ޗެއަރޕާސަން އިންތިޙާބު 2026https://t.co/omuPpCF5xp
— MDP Secretariat (@MDPSecretariat) June 13, 2026
އެ މަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަޙްމަދު ނަސީމަށް ލިބިވަޑައިގަތީ 9،462 ވޯޓެވެ. އަދި ތިންވަނައަށް ވާދަކުރެއްވި އިބްރާހީމް މުޙައްމަދަށް ލިބިފައި ވަނީ އެންމެ 132 ވޯޓެވެ.
ރަސްމީކޮށް ވަގުތީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން ވެސް ރައީސް ނަޝީދަށް ކާމިޔާބީ ޔަގީންވެފައިވާތީ، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި އުފާފާޅުކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިއީ 2023ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބީއާ ގުޅިގެން ޕާޓީ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، ފާއިތުވި އަހަރުގެ ޖޫން މަހު އަލުން ޕާޓީއާ ގުޅިވަޑައިގެން ރައީސް ނަޝީދު ހޯއްދެވި ބޮޑު ސިޔާސީ ކާމިޔާބީއެކެވެ.

