
ހޫނު މޫސުމަކީ ހަށިގަނޑަށް ތަފާތު ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ ދުވަސްވަރެކެވެ. ހަމުގެ މައްސަލަތަކާއި، ބަނޑުހައިހޫނުވުމާއި، މެޔަށް އެސިޑް އެރުން އަދި ބަނޑުހަރުވުން ފަދަ މައްސަލަތަކުގެ އިތުރުން ލޮލަށް ވެސް މިކަމުގެ ނޭދެވޭ އަސަރުތައް ފޯރައެވެ. މިގޮތުން ލޮލުގެ ވަށައިގެން ދުޅަވުމާއި ކަޅުވުން، އަދި ލޯ ހިކުމާއި ވަރުބަލިކަން ފެނުމަކީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ.
އިންޑިއާގެ ގުރޫގްރާމްގައި ހުންނަ ‘ވިއާން އައި އެންޑް ރެޓިނާ ސެންޓަރ’ ގެ ޑިރެކްޓަރ، ޑރ. ނީރަޖް ސަންދޫޖާ ވަނީ އެޗް.ޓީ ލައިފްސްޓައިލް އާ މިކަމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
ހޫނު މޫސުމުގައި ލޮލުގެ ވަށައިގެން ދުޅަވަނީ ކީއްވެ؟
މޫނުގެ އެހެން ހިސާބުތަކާ އަޅާބަލާއިރު ލޮލުގެ ވަށައިގެންވާ ހަމަކީ މާބޮޑަށް ވެސް ތުނި އަދި ނާޒުކު ހަމެކެވެ. އެހެންކަމުން ހޫނުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގެ އަސަރު އެންމެ ފުރަތަމަ ފެންނަނީ އެ ހިސާބުންނެވެ.
ޑރ. ސަންދޫޖާ ފާހަގަކުރެއްވި ގޮތުގައި، “ހޫނުގަދަވުމާއި، އަވީގައި ގިނައިރު އުޅުމާއި، ހަށިގަނޑުން ފެންމަދުވުމުގެ އިތުރުން ވައިނުސާފުވުމުގެ ސަބަބުން ލޮލުގެ ވަށައިގެންވާ ނާޒުކު ހަމަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ލޮލުގެ ވަށައިގެންވާ ހަމަކީ (ޕެރިއޮކިއުލަރ ސްކިން) އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ތުނި އެއް ހަން ކަމަށްވުމުން، އެތަނަށް ފެން ޖަމާވުމާއި، ކުލަ ބަދަލުވުމާއި، ހިކުމާއި އަދި ރަތްވެ ހިރުވުން ފަދަ ކަންކަމަށް ވަރަށް ފަސޭހައިން ހުށަހެޅިގެންދެއެވެ.”
މި މައްސަލައަށް ސިއްހީ ގޮތުން ކިޔަނީ “ޕެރިއޯބިޓަލް ޕަފިނެސް”އެވެ. ޑޮކްޓަރު ބަޔާންކުރެއްވި ގޮތުގައި މިއީ ލޮލުގެ ވަށައިގެންވާ ޓިޝޫތަކަށް ފެން ޖަމާވުމުން ދިމާވާ ކަމެކެވެ. މިއީ ހޫނުގަދަވުމާއި، ލޮނު ގިނައިން ބޭނުންކުރުމާއި، ފެންމަދުވުމާއި، ނިދި މަދުވުމާއި، އެލާޖީވުމުގެ އިތުރުން ސްކްރީންތަކަށް ގިނައިރު ބެލުމުގެ ސަބަބުން ވެސް މެދުވެރިވެދާނެ ކަމެކެވެ.
ލޮލުގެ ވަށައިގެން ކަޅުވުން
ލޮލުގެ ކައިރި ކަޅުވަނީ އެކި ސަބަބުތަކާހުރެއެވެ. ހަމުގެ ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި މުށި ނުވަތަ ދަނބު ކުލައަކަށް މި ހިސާބު ފެންނަން ހުންނަނީ ހަން ތުނިވުމުގެ ސަބަބުން އޭގެ އަޑީގައިވާ ލޭހޮޅިތައް ފެންނަން ހުރުމުންނެވެ. އަދި ވަރުބަލިވުމާއި ފެންމަދުވުމުގެ ސަބަބުން ލޯ ވަޅުވަދެ، ހިޔަނި އެޅުމުން ވެސް މިހެން ދިމާވެއެވެ.
މިކަމަށް ދެވިދާނެ ފަރުވާތައް:
ޑރ. ސަންދޫޖާ ވަނީ މިކަންކަން ހައްލުކުރުމަށް އަންނަނިވި އިރުޝާދުތައް ދެއްވާފައެވެ.
1. ފިނިކުރުން (ކޯލްޑް ކޮމްޕްރެޝަން): ދުޅަވުން ކުޑަކުރުމަށް ފިނިކޮށްފައިވާ ކިއުކަމްބާ ފޮތި، ފްރިޖަށްލާފައިވާ ޖެލް އައި-މާސްކް، ފިނި ސަމުސާ ނުވަތަ ފިނިކޮށްފައިވާ ސައިފަތް ޕެކެޓު 10 ނުވަތަ 15 މިނެޓު ވަންދެން ލޯމަތީގައި ބޭއްވިދާނެއެވެ. މީގެ ސަބަބުން ލޭހޮޅިތައް ހިމަވެ، ދުޅަ ތިރިކޮށްދެއެވެ.
2. ސައިފަތް ޕެކެޓު ބޭނުންކުރުން: ފެހި ނުވަތަ ކަޅު ސައިފަތް ޕެކެޓުގައި ކެފެއިން އަދި އެންޓިއޮކްސިޑެންޓްސް އެކުލެވޭތީ، މިއީ ވަގުތީ ފަރުވާއަކަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް ލޯމަތީގައި ބޭއްވުމުގެ ކުރިން ރަނގަޅަށް ފިނިކުރަންވާނެއެވެ.
3. ގިނައިން ފެންބުއިން: ހޫނު މޫސުމުގައި ދާހިއްލުން ގިނަވުމުން ހަށިގަނޑުން ފެންމަދުވެއެވެ. އެހެންކަމުން ގިނައިން ފެންބުއިމާއި، ފެން ގިނައިން އެކުލެވޭ ކާނާ (ކިއުކަމްބާ، ކަރާ އަދި ސިޓްރަސް މޭވާ) ބޭނުންކުރުން މުހިންމެވެ.
4. ގުދުރަތީ ފަރުވާތަކުގައި ސަމާލުވުން: އެލޯވެރާ ޖެލް އަދި އާމަންޑް އޮއިލް އަކީ ރަނގަޅު އެއްޗެއްސެވެ. އަލުވި ފޮތި ނުވަތަ އަލުވި ދިޔަ ބައެއް މީހުން ބޭނުންކުރި ނަމަވެސް، މީގެ ސައިންސުގެ ހެކިތައް މަދެވެ. ލޮލަށް ގެއްލުންވެދާނެ ފަދަ އެއްޗެހި ބޭނުންކުރުމާ ދުރުހެލިވާށެވެ.
5. ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން: ސޯޑިއަމް ގިނަވުމަކީ ފެން ހިފަހައްޓާ ކަމެކެވެ. ޕްރޮސެސްކޮށްފައިވާ ކާނާއާއި ލޮނުގަދަ ކާނާ މަދުކުރުމުން މިކަމަށް ހައްލެއް ލިބޭނެއެވެ.
6. ނިދުމަށް އިސްކަންދިނުން: ރޭގަނޑު 7 ނުވަތަ 8 ގަޑިއިރު ނިދުމަކީ ހަމާއި ލޭހޮޅިތަކަށް އަރާމުލިބި، މޫނުމަތީގެ ވަރުބަލިކަން ފިލުވައިދޭނެ ކަމެކެވެ.
7. އަވިން ލޯ ރައްކާތެރިކުރުން: ޔޫވީ ޕްރޮޓެކްޓިވް އައިނު އެޅުމާއި، ނާޒުކު ހަމަށް ހާއްސަ ސަންސްކްރީން ބޭނުންކުރުން މުހިންމެވެ.
ޑޮކްޓަރަށް ދައްކަންވީ ކޮންއިރަކު؟
އާންމުކޮށް މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ނަމަވެސް، ޑރ. ސަންދޫޖާ އިރުޝާދު ދެއްވާ ގޮތުގައި ދާއިމީކޮށް ދުޅަވެފައި ހުރުމާއި، ރަތްވުމާއި، ހިރުވުމާއި، ތަދުވުން ނުވަތަ ކުއްލިއަކަށް ލޮލުގެ ބައްޓަމަށް ބަދަލުއައުމަކީ އެލާޖީއެއް، އިންފެކްޝަނެއް، ތައިރޮއިޑް ބައްޔެއް ނުވަތަ އެހެން ވެސް ސިއްހީ މައްސަލައެއްގެ އަލާމާތަކަށް ވެދާނެތީ ޑޮކްޓަރަށް ދައްކަންވާނެއެވެ.

