
އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިއްޙީ ވުޒާރާއަށް ހަދިޔާކުރި ތިން ޓަނުގެ ސިއްޙީ ސާމާނާއި ހިމަބިއްސާއި ރުބެއްލާ ވެކްސިންގެ ދެވަނަ ޝިޕްމަންޓް މިއަދު މާލެ ގެނެސްފިއެވެ.
މި މަހުގެ ތެރޭގައި ފޯރުކޮށްދިން މި އެހީގެ ދަށުން ގެނެސްފައިވާ ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވިހިހާސް ޑޯޒްގެ އެމް.އާރް ވެކްސިނާއި، ބަލިތައް ތަހުލީލުކުރުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓްތަކުގެ އިތުރުން ފަރުވާ ދިނުމުގައި އާންމުކޮށް ބޭނުންކުރާ މުހިންމު އާލާތްތަކެވެ.
މި އެހީތެރިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މީސްމީޑިއާ މަންސަ “އެކްސް” ގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ތާރީޚީ ގުޅުމުގެ ރަމްޒެކެވެ. އަދި އިންޑިއާއިން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ އަވަށްޓެރި ޤައުމަކަށް އެހީއެއް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އިޖާބަދޭ ފަރާތުގެ ގޮތުގައި ދެމިއޮތުންކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
The second tranche of Measles-Rubella vaccines & 3 tonnes of medical supplies from India reached Malé today, reflecting the strong & enduring partnership b/w India & the Maldives and our shared commitment to public health.#FirstResponder#VaccineMaitri#NeighborhoodFirst https://t.co/eKituZkhWn pic.twitter.com/P7rB9AgKjY
— India in Maldives (@HCIMaldives) June 12, 2026
ރާއްޖެއަށް ކުރިމަތިވާ އެކިއެކި ހާލަތްތަކުގައި އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަން ބަލައިގަނެ، ދިވެހި ސަރުކާރުން ވަނީ އެ ޤައުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

