
އާންމު އުނދަގުލާބެހޭ ގަވާއިދަށް އާންމުންގެ ހިޔާލަށް މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އެ ކައުންސިލުން މި ގަވާއިދަށް އިއްޔެ އިން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް ހިޔާލު ހުށަހެޅޭނެއެވެ. ހިޔާލު ހުށަހަޅަންޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ މެއިލްއަށް ކަމަށް ވެސް ބުނެފައިވެއެވެ.
އާއްމު އުނދަގުލާ ބެހޭ ގަވާއިދަކީ މާލޭ ސިޓީގެ މަގުތަކާއި ހުސްބިންތަކާއި ޕާކުތަކާއި އާއްމު މައިދާންތަކާއި ސަރަހައްދުތަކުގައި އާއްމު މަސްލަހަތާއި އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރު އެޅުމާއި، އާއްމު ސަލާމަތާއި ރައްކާތެރިކަމާއި އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތައް ހުއްޓުވައިި އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ.
މި ގަވާއިދުގައިވާގޮތުން އާއްމު އުނދަގުލާބެހޭ އަމަލުތަކަކީ:
- ކުނި ބެހެއްޓުމަށް ނުވަތަ ކުނިއުކަން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނިއުކުން
- މަގުމަތި ހަޑިކުރުން
- ރައްޔިތުންނަށް އުނދަގޫފޯރާގޮތަށް އާއްމު ތަންތަނުގައި ތަކެތި ބެހެއްޓުން
- އިމާރާތްކުރުމުގެ މަަސައްކަތް ކުރަމުންދާ އިމާރާތްތަކާއި، މީހުން ދިރިއުޅެމުންދާ އިމާރާތްތަކުގެ ބެލްކަނި، ޓެރަސް، ވައިގޮޅި ފަދަ ތަންތާނގައި ގަސްމުށި ފަދަ ތަކެތި ބެހެއްޓުމާއި ވާޖަހައިގެން އިމާރާތައް ތަކެތި އެރުވުން
- ރައްޔިތުންނަށް އުނދަގޫފޯރުވާގޮތަށް އާއްމު ތަންތަނުގައި މުދަލާއި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުން
- މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރުން މަނާ އަމަލުތައް ކުރުން
- އާންމު އުނދަގުލަށް ވާ ގޮތަށް އަޑުގަދަކުރުން
- ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ނެރެފައި ބެހެއްޓުން / ބަހައްޓައިގެން ވިޔަފާރިކުރުން
- ގޭގޭގެ ފުރާޅުން ދިޔަދޮވިން ޓެރަސް ބެލްކަނި ފަދަ ތަންތަނަށް ޖަމާވާ ފެނާއި އެއާކޯނު ފަދަ ތަކެތިން މަގުމައްޗަށް ފެންފައިބާ ގޮތަށް ހަދާފައިހުރުން
- ހުއްދަނެތި މަގުމަތީ އިސްތިހާރު ބޯޑު ބެހެއްޓުމާއި، ޕޯސްޓާ / ބެނާ ހަރުކުރުން
- މީހުން އުޅޭ ގޯތި ގޯއްޗާއި، އެހެނިހެން ތަންތާނގައި ކުނި އެންދުން
މިފަދަ ކަމެއް ކޮށްފިނަމަ ފުރަތަމަ ލިޔުމުން ނަސޭހަތް ދޭނީ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. ދެވަނަ ފިޔަވަޅެއްގެ ގޮތުން ނެރޭނީ އިޖުތިމާއީ އަމުރެއް ކަމަށާއި އެ އަމުރު ނެރެވޭނެ ތިން ހާލަތެއް ވެސް ބަޔާން ކޮށްފައިވެއެވެ. އަދި ތިންވަނަ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާގެ ނޯޓިސް އެއް ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

