
މޯލްޑިވިއން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ކާމިޔާބުކުރައް ވާނީ އެމަނިކުފާނުކަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެކަމަށް ޞާލިޙް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ރޭހުން އެ މަނިކުފާނު މޮޅުވާނެކަން ޞާލިޙް ވަނީ ގާތުގައި ވިދާޅުވެފައެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި މި އިންތިޚާބުގައި ޞާލިޙް ތާއީދުކުރައް ވަނީ ނަޝީދާ ވާދަކުރައްވާ ކެންޑިޑޭޓް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމަށެވެ. ނަޝީދު އިތުރަށް ވިދާޅުވީ، ވޯޓުގެ ފަރަގު ކުޑަކުރުމަށް މީކާއީލްގެ ޓީމުން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބު ނުވާނެކަން ޞާލިޙަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުވުމަށް ފަހު، އެ މަނިކުފާނާ އެކު މަސައްކަތްޕުޅު ކުރެއްވުމަށް ޞާލިޙް ވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ ސިޔާސީ މަސްރަޙަށް އަލިއަޅުއްވާލައްވަމުން، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން ހުރި ގިނަ ބޭފުޅުންތަކެއް ޞާލިޙްގެ އަރިހުގައި ހަރަކާތްތެރިވަމުންދާކަން ނަޝީދު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި، ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެތެރޭގެ އިންތިޚާބަށް ފަހު މުޅި ޕާޓީގެ މިސްރާބު ހުންނަން ވާނީ އެކަތިގަނޑަކަށްވެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްކަން ނަޝީދު ތަކުރާރުކުރެއްވިއެވެ.
މި އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، މީކާއީލްގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެން ޞާލިޙް ވަނީ ނުސީދާ ގޮތެއްގައި ނަޝީދަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ކަންކަން ކުރެވޭނީ ހަމައެކަނި ތަޖުރިބާކާރު ވަކި މީހަކަށް ކަމަށް ހީކުރުމަކީ ކުށެއް ކަމަށާއި، މިހާރު އެމްޑީޕީއަށް ބޭނުން ވަނީ އާ ލީޑަރުންތަކެއް އުފެއްދުން ކަމަށް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

