
މި އަހަރުގެ މިހާތަނަށް ކަނޑުމަގުން ރާއްޖެ އަށް 14،000އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ކަނޑުމަގުން 14,847ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.
މިދިޔަ 10އަހަރަށް ބަލާއިރު، ކަނޑުމަގުން ސީޕޯޓްތައް މެދުވެރިކޮށް ރާއްޖެއަށް އައި ފަތުރުވެރިންނާއި ކްރޫޒް ފަސިންޖަރުންގެ އަދަދު ނިސްބަތުން މަދެވެ. މިދިޔަ އަހަރަށް ބަލާނަމަ މުޅި އަހަރު އައިސްފައިވަނީ 8,263ޓޫރިސްޓުންނެވެ. ނަމަވެސް މިހާރު އިތުރުވެފައިވާ މިންވަރަކީ އަހަރެއްގެ ތެރޭގައި މިފަހުން އެންމެ ގިނައިން ޓޫރިސްޓުން ކަނޑުމަގުން އައި ފަހަރެވެ.
ރާއްޖެއަށް ކަނޑުމަގުން އަންނަ ޓޫރިސްޓުން މަދުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަކީ ދުނިޔޭގެ ބޮޑެތި ބައްރުތަކާ ދުރުގައި، އިންޑިއާ ކަނޑުގެ މެދުގައި އެކަހެރިކޮށް އުފެދިފައިވާ ޖަޒީރާ ޤައުމެކެވެ. އެހެންކަމުން، އެހެން ބައްރުތަކުން ނުވަތަ ޤައުމުތަކުން ކަނޑުމަގުން ރާއްޖެއަށް ދަތުރުކުރުމަކީ ވަރަށް ގިނަ ދުވަސް ނަގާ ކަމެކެވެ.
ގިނަ ފަތުރުވެރިން ބޭނުންވަނީ ކުރު މުއްދަތެއްގެ ތެރޭގައި މަންޒިލަށް ވާސިލްވާށެވެ. ވައިގެ މަގުން މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އާދެވޭއިރު، ކަނޑުމަގުން ދަތުރުކުރަން ހަފުތާތަކެއް ނަގައެވެ. ރާއްޖޭގައި މިހާތަނަށް ބޮޑެތި ކްރޫޒް ލައިނަރުތަކަށް ހާއްސަ ޒަމާނީ “ޕެސެންޖަރ ޓާމިނަލް” އެއް ނުވަތަ ބަނދަރެއް ތަރައްޤީ ކުރެވިފައެއް ނެތެވެ. ބޮޑެތި ކްރޫޒް ޝިޕްތައް ރާއްޖެ އައުމުން ބަނދަރުކުރަން ޖެހެނީ މާލެ ކައިރީ ބޭރު ކަނޑުގައެވެ. އެތަނުން ފަތުރުވެރިން މާލެއަށް ނުވަތަ ރިސޯޓުތަކަށް އުފުލަން ޖެހެނީ ކުދި ލޯންޗުފަހަރުގަ އެވެ.

