
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާ ގުޅޭ ސަރަހައްދުގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިމާރާތްކުރުމަށްޓަކައި ބޭނުންވާ ބިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މުހިންމު މަޝްރޫއުގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީ ތަމްސީލުކުރައްވައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ. އަދި އިސްލާމީ ވުޒާރާގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި މި ތާރީޚީ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެން ފެށުމަށް ތާވަލުކޮށްފައިވާ ބިޔަ މަސައްކަތެކެވެ.
Agreement signed between the Housing Development Corporation (HDC) and the Ministry of Islamic Affairs and Endowments for the handover of land in Hulhumalé designated for the development of The Grand Mosque and green space. pic.twitter.com/GQ7l4AEthB
— Ministry of Islamic Affairs & Endowments (@MVIaffairs) June 10, 2026
ސައުދީ އަރަބިއްޔާގެ މަޝްހޫރު އަލްރަޖްހީ ކުންފުނީގެ މާލީ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ހަމައެކަނި ނަމާދުކުރާނެ ޖާގައެއްގެ އިތުރުން ޤުރުއާނާ ބެހޭ ޚާއްސަ ދާރުލްއާސާރަކާއި އިސްލާމީ އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނޭ ބޮޑު ކޮމްޕްލެކްސެއް ތަރައްގީކުރެވޭނެކަން ވަޒީރު ޑރ. ޝަހީމް ވަނީ ހާމަކުރައްވާފައެވެ. މާލީ އެހީތެރިކަން ހޯދުމަށް ސައުދީ ކުންފުންޏާ އެކު އިސްލާމީ ވުޒާރާއިން މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

