
ޑުރަގުގެ ކަންކަމަށް ބޭނުންކުރާ އައްޑޫގެ ގެއެއް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ އަމުރުގެ ދަށުން ބަންދުކޮށްފިއެވެ.
އައްޑޫ ސިޓީގެ ފުލުހުން މިއަދު ބުނީ ބަންދުކުރީ ސ.ހިތަދޫ / ލާމިޔާގެއާގެ ކަމަށެވެ. އެއީ އިއްޔެއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހާ ހަމައަށް ކަމަށެވެ.
އެ ގެ ބަންދުކުރީ އެ ގެއަކީ ވައްކަމާއި ފޭރުން އަދި އަދި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެ ބޭނުމުގައި އެ ގޭގައި އުޅުމާއި، އާއްމުންނަށް މިކަމުގެ ސަބަބުން އުދަގޫތަކެއް ފޯރާކަމަށް ފުލުހުންގެ ހިދުމަތަށް އެކިފަހަރުމަތިން ޝަކުވާ ހުށަހެޅިފައިވުމުން އެކަމަށް ހައްލެއް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށް ވެސް އައްޑޫގެ ފުލުހުން ބުންޏެވެ.
އެހެންކަމުން ކޯޓް އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ކުށެއް ކަމަށާއި އަދި މިފަދަ ތަންތަނަށް ހުއްދައަކާއި ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އެޅޭނެ އެއްމެ ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫގެ ގެއެއް ބަންދުކުރި އިރު މަސްތުވާތަކެތި ވިއްކައި ބޭނުންކުރުމުގެ ހިދުމަތް ކެފޭއެއްގެ ގޮތުގައި ފުވައްމުލަކުގެ ތަނެއް ވެސް މިދިޔަ މަހު ކޯޓުއަމުރެއްގެ ދަށުން މިދިޔަ މަހު ވަނީ ބަންދުކޮށްފައެވެ.

