
އެމްޑީޕީ މިވީހާ ދުވަހު އޮތީ ނިދާ ބޭސް ކައިގެން ކަމަށާއި މިއައީ ހޭލެއްވުމަށް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގައި ނ. މާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މިނިވަންކަން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނުން ނުބަހައްޓަވާތީ، ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުންގެ މިިނިވަންކަމަށް ހުރަސްއަޅުއްވަމުން ގެންދަވާތީ ކަންބޮޑުވެލައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މުއިއްޒުގެ ސަރުކާރު ހިންގަމުންދާ ގޮތަށް ހިންގަމުންދާ ގޮތުން އެމްޑީޕީ ނިންދަވާފައި ބޭއްވެން ނެތް ކަމަށެވެ.
“ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިނގަމުންދާ ގޮތުން އެމްޑީޕީ ނިންދަވާފައި ބޭއްވޭކަށް ނެތް. ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އަޅުގަނޑުމެންނަށް ނިދާ ބޭސް ދީފައި ބައިތިއްބަން. ލައްކަ ދުވަސް ވެއްޖެ އަޅުގަނޑުމެން މި ނިދާ ބޭހެއް ކައިގެން ނިދާތާ.” ނަޝީދު ވިދާޅުވިއެވެ.
2028ވަނަ އަހަރު ރިޔާސީ އިންތިހާބު އަންނަންދެން މަޑުކުރެވެން ނެތް ކަމަށާއި އެމްޑީޕީގެ ކައުންސިލްތައް މެދުވެރިކޮށްގެން ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ އެމްޑީޕީގެ ޗެއާޕާސަންކަމުގައި ޕްރޮޖެކްޓް ޑިޕާޓްމެންޓެއް ޕާޓީގައި އުފައްދައިގެން އެކަން ކުރައްވާނެ ކަމަށާއި ވަކިން ހާއްސަކޮށް ރަށްރަށުގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރެވޭނެ އިގުތިސޯދީ ހަރަކާތްތައް ހިންގަވާނެކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ފާހަގަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ މަގުބޫލުކަން ގެއްލެމުންދާ ކަމަށާއި މަގުބޫލުކަން ގެއްލެމުންދާ ސަބަބަކީ ރައީސްގގެ ފަރާތްޕުޅުން ބޭވަފާތެރިކަމުގެ ސިފަތައް ފެންނަމުންދާތީ ކަމަށް ވިދާޅުވިއެވެ.

