
ޖަގަހަތަކުގައި ވޯޓު ފޮށިތައް ބަހައްޓާނަމަ، އިންތިޚާބުގެ އިންސާފުވެރިކަމާއި ދެފުށްފެންނަ މިންވަރާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް ޝަކުވާ ހުށަހަޅުއްވައިފިއެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ، ކުރިން އިއުލާނުކޮށްފައިވާ ގޮތާ ޚިލާފަށް ވޯޓުފޮށިތައް ބަހައްޓާ ތަންތަން ކުއްލިއަކަށް ބަދަލުކުރުމަކީ އާންމު ރައްޔިތުންނަށް އޮޅުންއަރައި، ވޯޓުލުމުގެ ހައްގު އަދާކުރުމަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށް މަގުފަހިވެދާނެ އަމަލެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.
ކުރިން އޮތީ ވޯޓު ފޮށިތައް ހުރިހާ ރަށެއްގައި ސްކޫލްތަކުގައި ބަހައްޓާގޮތަށެވެ. ނަމަވެސް، ފަހުން ގެނައި ބަދަލަކާ އެކު ފަސް ސަރަހައްދެއްގެ ވޯޓު ފޮށިތައް ވަނީ އެމްޑީޕީގެ މައި ޖަގަހަތަކަށް ބަދަލުކޮށްފައި ކަމަށް އޭނާ ތުހުމަތުކުރައްވައެވެ. އެގޮތުން ވޯޓުލާ މަރުކަޒު ބަދަލުކޮށްފައިވާ ރަށްތަކަކީ ފ. ފީއަލި، ލ. އިސްދޫ، ލ. އިސްދޫ ކަލައިދޫ ދާއިރާ، ގއ. ވިލިނގިލި، އަދި ލ. ގަން މަތިމަރަދޫ ދާއިރާއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ގެ އިންސާފުވެރިކަން ގެއްލޭގޮތަށް އިންތިހާބާ ބެހޭ ކޮމިޓީއިން އަމަލު ކުރާތީ، އެކަމާ ގުޅޭ ކަންބޮޑުވުން @MDPSecretariat އަށް ހިއްސާކޮށްފިން. އަވަސް ހައްލެއް ގެނެސްދޭނެކަމަށް އުއްމީދުކުރަން. pic.twitter.com/E6j40Tptg1
— Meekail Naseem (@MickailNaseem) June 8, 2026
މީގެ އިތުރުން، ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމަށާއި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ކަށަވަރުކޮށްދިނުމަށްޓަކައި، ކުރިން ހަމަޖެހިފައިވާ އިންތިޒާމުތަކާ އެއްގޮތަށް ވޯޓުލާ މަރުކަޒުތައް އަލުން ކަނޑައެޅުމަށް މީކާއީލް ވަނީ ގޮވާލައްވާފައެވެ. މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން މުޅި އިންތިޚާބުގެ ނަތީޖާއަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ މުއައްސަސާތަކާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެކަމުގެ ބިރު އޮތްކަން ވެސް އޭނާގެ ޝަކުވާގައި ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވެއެވެ.
މީކާއީލްގެ މި ޝައުވާތަކާ ގުޅިގެން އެމްޑީޕީގެ އިންތިޚާބީ ކޮމިޓީން ރަސްމީ ގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.

