
މަސްވެރިންނަށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކަށް އާދިއްތަ ދުވަހު މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް މަސްވެރިކަން މަދު ދުވަސްވަރަކަށް ވުމާ އެކު، ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބިނާކޮށް އަގުތަކަށް ހެޔޮ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ސަރުކާރުން މަސްކިލޯއެއްގެ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި ކަނޑައަޅާފައިވާއިރު، ފަހަކަށް އައިސް އަމިއްލަ ކުންފުނިތަކާ އެއް ހަމައެއްގައި 17 އާއި 18 ރުފިޔާއާ ދެމެދުގެ ރޭޓެއްގައި މިފްކޯއިން އަންނަނީ މަސް ގަންނަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، މަހުގެ ކިލޯއެއް 20 ރުފިޔާއަށް މަތިކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އަލަށް ގެނެވުނު ބަދަލާ އެކު، ކަޅުބިލަމަހުގެ އަގު އުފުލުނު ނަމަވެސް ކަންނެލި ގަންނަ ރޭޓަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އާދިއްތަ ދުވަހުން ފެށިގެން ބޮޑުކުރި އަގުގައި ފެލިވަރާއި، ކޫއްޑޫ އަދި އައްޑޫ ސިޓީގެ ފެކްޓަރީތަކުގެ އިތުރުން، ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލަކު ބަނދަރުން މަސް ކިރޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިވެހި މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް ނަފާ އިތުރުކުރުމަށްޓަކައި، މަހަށް އަގުއެއްކޮށްގެން އުފައްދާ ބާވަތްތައް ގިނަކުރުމާއި ކާރުޚާނާތަކުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ. މީގެ އިތުރުން، އާންމު ރައްޔިތުންނަށް ފަސޭހައިން މަހުގެ އުފެއްދުންތައް ލިބޭނެ މަގު ތަނަވަސްކުރުމަށް އައުޓްލެޓްތައް ހުޅުވަމުންދާއިރު، ދާދި ފަހުން އިނގިރޭސިވިލާތުން ވަނީ ރާއްޖެއިން އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީވެސް އެއްކޮށް ކަނޑާލާފައެވެ.

