
ސަޢުދީ ޢަރަބިއްޔާގައި މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހިރާއްޖެއިން ފުރި ޙައްޖުވެރިންގެ ތެރެއިން އެނބުރި އަންނަ ފުރަތަމަ ޖަމާޢަތް ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަތުވެއްޖެއެވެ.
މިއަހަރު މައްކާއަށް ދިޔަ ދިވެހިން އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ބަޔަކަށް ބެހިގެންނެވެ. އެގޮތުން ރޭގައި އައި ފުރަތަމަ ޖަމާޢަތުގެ މީހުންނާ ގުޅިގެން، ދެން ތިބި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނީ ކުރިއަށް އޮތް އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.
މި ފަހަރުގެ ޙައްޖު މޫސުމުގައި ރާއްޖެއިން އެއްހާސް މީހުންނަށް ވަނީ އިސްލާމްދީނުގެ މި މަތިވެރި ރުކުން އަދާކުރުމުގެ ފުރުޞަތު ލިބިފައެވެ. ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މިއީ އެންމެ ފެންވަރު ރަނގަޅު އިންތިޒާމުތަކެއް ދިވެހިންނަށް ހަމަޖެހިގެންދިޔަ އެއް ފަހަރުކަން ފާހަގަކުރެވެއެވެ. ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ އަދި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޚާއްޞަ އިސްކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

