
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން މާލޭ އުތުރު ބަނދަރު (ނޯތު ހާބަރު)ސަރަހައްދުގައި ތަރައްގީކޮށްފައިވާ 6 ލޮޓެއް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، މިފަހަރު ބީލަމަށް ލާފައިވަނީ ނޯތު ހާބަރުގެ ލޮޓު ނަންބަރު 12އިން ފެށިގެން 17ގެ ނިޔަލަށެވެ. އަދި ވިޔަފާރިވެރިންނަށް ފަހިވާނެހެން، ވަކި އެއް ޖާގައަކަށް ނުވަތަ އެއަށްވުރެ ގިނަ ޖާގަތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅޭނެކަމަށް އެމްޕީއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ޖާގަތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 11ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެކަން ފާހަގަކޮށް، އެމްޕީއެލްއިން ބުނީ ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ހަމަ އެ ދުވަހުގެ 11:00 ގައި އެ ކުންފުނީގެ މައި އިދާރާގައި ކުރިއަށްދާނެ ކަމަށެވެ. އަދި އިތުރު ކަންކަން ސާފުކުރަން ބޭނުންވާނަމަ އެ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވުމަށް ވަނީ އެދިފައެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14ވަނަ ދުވަހުގެ ހެނދުނު 11:00ގައި އެމްޕީއެލްގެ ހެޑް އޮފީހުގައެވެ. ބީލަން ހުށަހަޅާއިރު، އަގު ބަޔާންކުރާ ފޯމުގެ އިތުރުން މައުލޫމާތު ކަރުދާހުގައި ލާޒިމުކޮށްފައިވާ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށްފައި އޮތުމަކީ ޝަރުތެކެވެ.

