
ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރުން ފާހަގަކުރަން މަހާސިންތާއެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރޭނީ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މި އަހަރުގެ ސެޕްޓެެމްބަރު މަހުގެ 13ވަނަ ދުވަހެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ 900އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވަން ނިންމާފައިވަނީ ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާއެއް ކަމަށެވެ.
އެ މަހާސިންތާއަށް އަތޮޅުތަކުގައި ތިބި ޒުވާން ޚަތީބުން މާލެ އައުމުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖައްސާނެ ކަމަށާއި އަދި އެ މަހާސިންތާއަށް މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު ދޭ ގޮތައް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެ. މިނިސްޓްރީން ތަމްރީންކުރާ 1000ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ހާފިޒުން މި ކޮންފަރެންސައި ބައިވުމުގެ އިންތިޒާމް ހަމަޖައްސާނެ”މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ޒުވާން ޚަތީބުން މި މަހާސިންތާ އަށް މިހާރުން ފެށިގެން ތައްޔާރުވުމަށް ވެސް ގޮވާލައްވައިފައެވެ.
“އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުން އެދެން. މިނިސްޓްރީން މަހާސިންތާގައި ބައިވެވާން ބޭނުންވާ ފަރާތްތަކުން ފޯމްފުރުމަށް މި މަސްތެރޭގައި މިނިސްޓްރީން އިއުލާންކުރާނެ. އިންޝާ”މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
މި ވަގުތު ރާއްޖޭގައި 532ޒުވާން ޚަތީބުންގެ ތިބިއިރު އެފަދަ ޚަތީބުން އުފެއްދުމަށް ސަރުކާރުން މިހާރު ހިންގަމުންދާ ޕްރޮގްރާމްތަކުގެ ދަށުން މަހާސިންތާގެ ކުރިން 1000ޒުވާން ޚަތީބުން ހަމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

