
ހަގީގީ މާނައިގައިކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނީ ހަމައެކަނި ރައްކާތެރިކަމުގެ ނިޒާމުތަކެއް ގާއިމުކޮށްގެން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިހެން ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ މިއަދު ކުދިން ތަރުބިއްޔަތު ކުރާ ގޮތަކީ ހަމައެކަނި އެކުދިންގެ މުސްތަގްބަލާއި ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އެ ކަމަކީ މުޅި މުޖުތަމައުގެ ކުރި މަގާއި ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ކުދިން އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން ނޫން ކަމަށާއި އެއީ އެކުދިންގެ ފިކުރާއި، އަހުލާގާއި، މުޖުތަމައަށް ބޭނުންތެރި، އިތުބާރު ހުރި ބަޔަކަށް ހެދުމަށް ބޭނުންވާ މާލީ އަދި އަހުލާގީ ބިންގާ އަޅައިދިނުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ރައްކާތެރިކަމާ އެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކުދިންނަށް އެންމެ ވަރުގަދަ ރައްކާތެރިކަމެއް ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމައުގެ ތެރޭގައި ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން ކަމަށާއިވުމާ އެކު އެކުދިން އުޅެ ބޮޑުވާ މާހައުލާއި އެކުދިންނަށް ދައްކާ ނަމޫނާ ވަރަށް ވެސް މުހިންމުކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމާ ދުޅަހެޔޮކަމަށް ސަރުކާރުން އިސްނަގައިގެން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަ ކުރައްވައި މެޑަމް ވިދާޅުވީ މިއީ ހަމައެކަނި ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫންކަމަށެވެ.
“ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނީ ހަމައެކަނި ރައްކާތެރިކަމުގެ ނިޒާމުތަކެއް ގާއިމުކޮށްގެނެއް ނޫން. މިކަން ކުރެވޭނީ ކަންކަމަށް ސަމާލުވާ، މަޢުލޫމާތު ލިބިފައިވާ، އޯގާތެރި އަދި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ މުޖުތަަމައެއް ބިނާކޮށްގެން. ކުޑަކުދިން ރައްކާތެރިކުރުމަކީ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭނެ މައިންބަފައިންނާއި، މުދައްރިސުންނާއި، އަދި ރަނގަޅު މަގު ދައްކައިދޭ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް.” މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މިއަދު އިފްތިތާހު ކުރެވިގެން ދިޔަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ އަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ ކަންކަމާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

