
ރާއްޖެއަށް މަސްތުވާތަކެއްޗާއި ޤަވާއިދާ ޚިލާފު މުދާ އެތެރެކުރުން ހުއްޓުވުމުގެ ގޮތުން، ދައުލަތުގެ މައި ބަނދަރުގައި ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ބަހައްޓައި ޚިދުމަތްދޭން ފަށަން ނިންމައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މުދާ ބަރުކޮށްފައި ހުންނަ ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭންކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މި ނިޒާމު ޤާއިމުކުރެވި ފުރިހަމައަށް އޮޕަރޭޝަނަށް ގެނެވުމާ އެކު، ރާއްޖޭގެ ބޯޑަރުން ވަގަށް މުދާ އެތެރެކުރުމަށް ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ހުއްޓުވި، ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަށް ވޭޕް ފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރު ވެސް އިންޓެލިޖެންސް މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް އެތެރެވާ ތަކެތި ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށާއި، އަތުލައިގަނެވޭ މަނާތަކެތީގެ ނިސްބަތް އިތުރުވުމަކީ ތަންފީޒީ އިދާރާތަކުގެ މަސައްކަތް ހަރުދަނާވެފައިވާކަމުގެ ސާފު ހެއްކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިކަމާގުޅޭ އެންމެހާ މުއައްސަސާތައް އެއް ވުޒާރާއެއްގެ ކުޑައިގެ ދަށަށް ގެންނަވައި، ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ވައިގެ މަގުން ގެންނަ ބައެއް ޕެކޭޖުތައް ކުރިން ސްކްރީން ކުރިނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ދަނީ ސްކޭންކުރަމުންނެވެ. ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެސް 1،294 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މި ފިޔަވަޅުތަކާ އެކު، މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުވުމާއި އޭގެ ޑިމާންޑް ކުޑަކުރުމަށް ސަރުކާރުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

