
ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ދަތުރުވެރިންވެސް މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ. އެހެންކަމުން އެ ސަރަޙައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ދެކުނުގެ ހިސާބުތަކަށް ދެކުނާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެދުރާއްޖެތެރެއަށް ކެރީގެ އަސަރުކުރާނެ ކަމަށާއި ނަމަވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
ބޮޑު ޗުއްޓީއަށްފަހު މާދަމާ ސަރުކާރު އޮފީސްތަކާއި ތަޢުލީމީ މުއައްސަސާތަކުގެ ކިޔެވުން ފެށޭނެތީ، ރަށްރަށުން މާލެއަށާއި މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ދުވަސްވަރަކަށް ވެފައި، އެކި ސަރަޙައްދުތަކަށް ގުގުރުމާ އެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. ބައެއް ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވި ނަމަވެސް، ކެރީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓުން ހާމަކުރައްވައެވެ.

