
ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށްވުރެ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވައި، އެ ދަރަނި އަނބުރާ ދެއްކުމުގެ ޤާބިލުކަން މިހާރު ޤައުމުގައި ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރަށް ފ. ނިލަންދުއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ އިޤުތިޞާދީ ޙާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީއާއި ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ހުރި މިންވަރާ އަޅާބަލާއިރު، ނަގާފައިވާ ލޯނުތަކާއި ދަރަނީގެ ޙަޖަމު މާބޮޑު ކަމަށެވެ. މީގެ ސަބަބުން މާލީ ގޮތުން ޤައުމު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
ދަރަނީގެ މަސްއޫލިއްޔަތު އުފުލުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، މިކަމުން ސަލާމަތްވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަވަސް މުއްދަތެއްގެ ތެރޭގައި އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ދަރަނި އަދާކުރުމުގެ ޤާބިލުކަން ނެތުމުން، އިޤުތިޞާދީ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށް ދުރާލާ ވިސްނައިގެން އިސްލާޙީ މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

