
ގއ. ވިލިނގިލީގައި މިއަދު އިމާމުވެ އީދު ނަމާދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމްއެވެ.
ވިލިނގިލީގައި އީދު ފާހަގަކުރުމަށް ހަރަކާތްތައް ފެށީ ރޭގައެވެ. އެގޮތުން އީދު މަޅީގެ ފޯރިގަދަ ހަރަކާތްތަކާއެކު އީދު ކުޅިވަރުތައް ރޭ އެ ރަށުގައި އިފްތިތާހުކޮށްދެއްވީ ވެސް އަބްދުއް ރަހީމްއެވެ.
އަދި މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ވިލިނގިލީގައި ކުރި އީދު ނަމާދުގައި އިމާމުވެ ނަމާދުކުރެއްވީ ވެސް އަބްދުއް ރަހީމްއެވެ.
އަބްދުއް ރަހީމް ކުރިން ވެސް އިމާމުވެ ލ. ފޮނަދޫގައި ހުކުރު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް ސިޔާސީ ދާއިރާއަށް ނުކުންނެވި ފަހުން ވަރަށް މަދުން ނޫނީ އިމާމުވެ ހުކުރު ނުކުރައްވައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ކުރެއްވުމުގެ ހުއްދަ ވެސް އަބްދުއް ރަހީމްގެ އޮވެއެވެ.
އަބްދުއް ރަހީމް މިއަދު ވަނީ އިމާމުވެ އީދު ނަމާދު ކުރެއްވުމަށް ފަހު އެ ޖަމާއަތުގެ ނަމާދުގައި ބައިވެރިވި ހުރިހާ ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ހާއްސަ ހަރަކާތުގައި ވެސް އަބްދުއް ބައިވެރިވެވަޑައިގެންފައެވެ.
އޭގެ އިތުރުން އުޟުހިޔާ ކަތިލުމުގެ ހަރަކާތުގައި ވެސް އަބްދުއް ރަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

