
އަތޮޅު ތެރޭގައި އެމްޑީޕީ ޕާޓީގެ ހަރަކާތްތައް އޮތީ ވަޅުޖެހިފައިކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގެލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް އެފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވިދާޅުވީ ކެމްޕޭންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން 55ރަށަކަށް ދެވިއްޖެ ކަމަށެވެ.
އަދި ދެވުނު ރަށްތަކުގެ ތެރެއިންވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ ޕާޓީގެ ހަރަކާތްތައް ވަޅުޖެހިފައި އޮތުން ކަމަށް މީކާއިލް ވިދާޅުވިއެވެ.
އެހެންވެ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެމްޑީޕީގައި ޒަމާނަށް ފެތޭ އޮނިގަނޑެއް އެކުލަވާލުމަށް އޭނާ ވައުދުވެވަޑައިގެންފައިވާނެ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނާއި އަދި މުޅި ޖުމްލަކޮށް ރަށްރަށުގައި ތިބޭ އާންމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ އެމްޑީޕީގެ އިންތިހާބީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން ކަމަށެވެ.
އެހެންވެ އެބޭފުޅުންނަށް އެމްޑީޕީގެ އެންމެ އިސް ގުނަވަނުގެ ގޮތުގައި އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ބަސް ކިޔުމުގެ ޖާގަ އޮތުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

