
މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔަ މީހުންގެ ތެރެއިން، ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާ ފިޔަވައި އެހެން ހުރިހާ ދިވެހިން މިހާރު ޢަރަފާތު ބިމަށް ޖަމާވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ހާމަކުރައްވައިފިއެވެ.
މިނާގައި ހުރި ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ ޙައްޖުވެރިޔާ ވެސް ޢަރަފާތަށް ގެންދިއުމުގެ އިންތިޒާމުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެމީހާގެ ކަންކަން ގާތުން ބެލުމަށް ޙައްޖު ކޯޕަރޭޝަންގެ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ މީހާގެ ޙާލަތު އާދައިގެ ގޮތަކަށް ހުރިކަމުގެ ޔަޤީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ރޭގެ ވަގުތެއްގައި ދިވެހި ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދިއުމުގެ ދަތުރު ފަށާފައިވާއިރު، އެ މީހުން އުފުލުމަށް 22 ބަހެއް ބޭނުންކޮށްފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. ޙައްޖުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ރުކުން ކަމަށްވާ ޢަރަފާތު ބިމުގައި މަޑުކުރުން ނުލިބިއްޖެ މީހަކަށް ޙައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.

