
މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި ހުރިހާ ދިވެހި ޙައްޖުވެރިން ރޭ ފަތިހުގެ ވަގުތެއްގައި މިނާއަށް ވާސިލުވެފައިވާއިރު، ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި މިރޭގެ ވަގުތެއްގައި އެމީހުން އަރަފާތު ބިމަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނާގެ އިތުރުން އަރަފާތުގައި ވެސް ދިވެހިންނަށް ބޭނުންވާނެ އެންމެހައި ކަންކަން މިހާރުވަނީ ފުރިހަމައަށް އިންތިޒާމުކުރެވިފައެވެ. އެގޮތުން ދިވެހި ފިރިހެނުންނާއި އަންހެނުންނަށް ޚާއްޞަކުރެވިގެން ވަކިން ފިނިކުރި ޓެންޓުތަކާއި ކެއިންބުއިމުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އަޅުކަމުގައި ދެމިތިބެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ މީހަކަށްވެސް ނިދާނެ ސޯފާ އެނދަކާއި، ބާލީހުގެ އިތުރުން ރީތިވާ ސާމާނާއި، މުސައްލަ، ފެންފުޅި އަދި ޖަމްރާއަށް އުކާ ހިލަ އަޅާނެ ކޮތަޅު ހިމެނޭ ޚާއްޞަ ޕެކޭޖެއް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އެކި ބާވަތުގެ ފިނި ބުއިންތައް ހިލޭ ލިބޭނެހެން ޓެންޓުތަކުގެ ބޭރުގައި ފްރިޖުތައް ބަހައްޓާފައިވާއިރު، މިފަހަރު ދިވެހިންނަށް ޚާއްޞަކޮށްގެން 60ފާޚާނާ ވަނީ ޤާއިމުކޮށްފައެވެ. މިއީ ކުރީ އަހަރުތަކާ އަޅައިބަލާއިރު ފަސް ގުނަ ބޮޑު ކުރިއެރުމެކެވެ.
ޙައްޖުގެ މާތް އަޅުކަމުގެ ތެރެއިން މައްކާގެ މުޤައްދަސް ބިންތަކުގައި (މަޝާޢިރުގައި)ދިވެހި ޙާޖީން ޖުމްލަ ހަ ދުވަސް ހޭދަކުރާނެއެވެ.

