
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލަތަކުގައި ހައްޔަރުކުރީ މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) އާއި ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް އަލީ (27އ) އާއި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މައުސޫމް (54އ) އެވެ.
އޭގެ ތެރެއިން އިބްތިޝާމް އަދި މައުސޫމް ހައްޔަރުކުރީ އިއްޔެ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު އިބްތިޝާމްގެ އަތުން ފެނުނު އިރު މައުސޫމްގެ އަތުން ވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ.
އެ މައްސަލައިގައި އެ ދެ މީހުންވެސް ވަނީ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މަރިޔައްޕަން ގަނެޝަން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކަމަށް ފުލުހުން ބުންޏެވެ/
އެގޮތުން ހުޅުމާލޭ ފިތުރޯނުމަގުން އޭނާ ހުއްޓުވައި ބަަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވެއެވެ. މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

