
ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ފުރުމަށް ހަމަޖެހިފައިވާ ހައްޖުވެރިންގެ ފަހު ގުރޫޕު މިއަދު ހެނދުނު ފުރައިފިއެވެ.
އެ ހައްޖުވެރިން ފުރީ ގައުމީ އެއާލައިން މޯލްޑިވިއަންގައި މިއަދު ހެނދުނު އެވެ.
އެގޮތުން އެ ފްލައިޓުން 253 ހައްޖުވެރިން މިއަދު ފުރި އެވެ.
މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕް ފުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ފަހުން އިތުރު ދެ ގްރޫޕެއްވެސް ފުރިއިރު ފުރަތަމަ ދިޔަ ތިން ގުރޫޕުގެ ހައްޖުވެރިން މައްކާއަށް ދިއުމަށްފަހު ފުރަތަމަ އުމްރާވެސް ވަނީ ފުރިހަމަކޮށްފަ އެވެ.
ދިވެހި ހައްޖު މިޝަންއިން ބުނި ގޮތުގައި މިވަގުތު މައްކާގައި ތިބި އެންމެހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.
މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ކަމަށްވާތީ ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ކުރިން އޮތީ ނިންމައިފަ އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ހައްޖުވެރިން އެއާޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނެވެ.

