
އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ވައިރަސް ދިވެހިރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ވަރަށް ހަނިކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭގެ ވަގުތެއްގައި ހާމަކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެ އިދާރާއިން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ބަލިމަޑުކަމުގެ މިހާރުގެ ހާލަތު ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ވަރަށް ގާތުން މޮނިޓާކުރަމުން އަންނަ ކަމަށެވެ. އަދި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ކުރިން އެޅޭ ފިޔަވަޅެއްގެ ގޮތުން، ބަލި ފެތުރިފައިވާ ސަރަހައްދުތަކަށް ދިވެހިން ދަތުރުނުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ޔޫގެންޑާގައި އެބޯލާ ފެތުރެމުންދާކަން އިއުލާނުކޮށްފައިވާއިރު، މިއީ “ބަންޑިބުގްޔޯ” ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހޮނިހިރު ދުވަހާ ހަމައަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސުން އެކަނި ވެސް ބަލީގެ އަލާމާތްތައް ހުރި 246 މީހަކު ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރެއިން 80 މީހަކު މިހާތަނަށް ވަނީ މި ނުރައްކާތެރި ބަލީގައި މަރުވެފައެވެ.
މިއީ މީލާދީން 1976ވަނަ އަހަރު މި ބަލި ފުރަތަމަ ފެނުނު ފަހުން ކޮންގޯގައި މިފަދަ ހާލަތެއް އިއުލާނުކުރި 17ވަނަ ފަހަރެވެ. މިހާރު މި ވައިރަސް ވަނީ ކޮންގޯގެ ވެރިރަށް ކިންޝާސާގެ އިތުރުން ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޔޫގެންޑާގެ ވެރިރަށް ކަމްޕާލާއަށް ވެސް ފޯރާފައެވެ.
ބައްޔަށް ޝައްކުކުރެވޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ޓެސްޓުތައް ޕޮޒިޓިވްވާ ރޭޓުވެސް އުޅެނީ ކަންބޮޑުވާންޖެހޭ މިންވަރެއްގައެވެ. އެހެންވައްތަރުތަކުގެ އެބޯލާއާ ހިލާފަށް ބަންޑިބުގްޔޯ ވައިރަހުން ރައްކާތެރިވުމަށް ދެވޭނެ އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ.

