
ރާއްޖޭގެ ކުރީގެ ތިން ރައީސަކު ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަން ތައްޔާރުވެފައިވަނިކޮށް، ވެރިކަން ކުރާ ޕާޓީ (ޕީއެންސީ) އިން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ އަމިއްލަ އެދުމުން ފޯވެފައިވާ، އެކަކު އަނެކަކަށް ކެހިދީފައި ތިބި ނާކާމިޔާބު ބޭފުޅުންތަކެއްކަމަށް ސިފަކުރައްވައިފިއެވެ.
ކުރީގެ ރައީސުން ކަމަށްވާ ޢަބްދުﷲ ޔާމީނާއި، އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މުޙައްމަދު ނަޝީދު އެއް މޭޒަކަށް ވަޑައިގެން މަޝްވަރާކުރައްވަން ނިންމަވާފައިވާ ދަނޑިވަޅެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އެ ބޭފުޅުންނަކީ އިޚްލާޞްތެރިކަމެއް ނެތް ބައެއް ކަމަށެވެ. އަދި އެ ބޭފުޅުންގެ ފުށުން ޤައުމަށް ލިބޭނެ މަންފާއެއް ނެތްކަމަށާއި، މިހާރު ޤައުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ޒިންމާދާރު އިދިކޮޅު ފަރާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ، އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ ފުރުޞަތު ލިބުނު ކޮންމެ ފަހަރަކު އަމިއްލަ ފައިދާ އިސްކުރި ބައެއް ކަމަށެވެ. އަދި އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅިހަރާފައި ތިބި ބަޔަކު އެއްވެގެން ޤައުމުގެ ވާހަކަ ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ، ޒުވާނުންވެސް މިކަންކަމާމެދު ވިސްނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ރައީސް ޔާމީންގެ ކެބިނެޓުގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވި ރައީސް މުޢިއްޒު ވަނީ، ޔާމީންގެ ވެރިކަމުގެ ސިޔާސަތުތަކަށްވެސް ފާޅުކަންބޮޑު ގޮތެއްގައި ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ ދައުރުގައި ޢުމްރާނީ ތަރައްޤީ ގެނައި ނަމަވެސް، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި އަނިޔާވެރިކަން އިންތިހާއަށް އޮތްކަމަށާއި، ސިޔާސީ ހުރިހާ ލީޑަރުން ތިބީ ޖަލަށްލާފައިކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މިއީ ފޮރުވޭނެ ހަގީގަތްތަކެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ނަޝީދާއި ޞާލިޙުގެ ވެރިކަމުގައި ހިންގާފައިވާ ކަންކަމަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އިޤްތިޞާދު ހީނަރުވުމާއި، ކޮވިޑް-19 ގެ ދުވަސްވަރު ހިނގައިދިޔަ ވެންޓިލޭޓަރުގެ ޚިޔާނާތް ފަދަ މައްސަލަތަކަކީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންކަން ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މާޒީގައި ހިނގާފައިވާ މިފަދަ ކަންކަމަށް ރަނގަޅަށް ވިސްނައި ވަޒަންކުރުމަށްފަހު ގޮތް ނިންމުމަށް ރައީސް މުޢިއްޒު ވަނީ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

