
ވެރިކަމުގެ ދެ އަހަރާއި ބައިގެ ތެރޭގައި ވަށާ ޖެހޭ އިގުތިސާދީ ސިޔާސަތެއް ތަންފީޒުކުރެވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިދިކޮޅުގެ ވެރިކަމުގައި ގައުމުގެ އިގުތިސާދު އޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވައްޓާލާފައިކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތައް، މި ސަރުކާރުން ދައްކާ ޚަލާސްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން މިދިޔަ ދޮޅު މަހެއްހާ ދުވަހުގެތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެެރެއިން އެންމެބޮޑު އެއް ދަރައްޏަކީ ސުކޫކު ކަމަށާއި ސުކޫކުގެ ދަރަނި އަދާކުރުމަށް 524މިލިއަން ޑޮލަރު ދެއްކިއިރު ގައުމުގެ ހަރުމުދާތައްވެސް ރަހުނުކޮށްފައިހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދަރަނި ދައްކައި، އެތަންތަން ރަހުނުން ސަލާމަތްކޮށް، ރައްޔިތުންގެ އަތްމައްޗަށް އެތަންތަން އަނބުރާ ގެނެސްދެވިފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
“އިރާދަކުރެއްވިއްޔާ! މިކުރެވޭ އިގުތިސާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުންނަށް އަތްފޯރާފަށަށް، ރައްޔިތުންގެ މުދާ، ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެގޮތް އިތުރަށް ފުޅާވެގެންދިއުން”ރައީސް ވިދާޅުވިއެވެ.
ފާއިތުވި ސާޅީހަކަށް ދުވަހުގެ ތެރޭގައި 974މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދެއްކުމުގެ ބުރަ މަސައްކަތް ސަރުކާރުން ކުރީ ގައުމުގެ މުސްތަގުބަލަށްޓަކައި ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ހަގީގަތް ބަދަލު ނުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް ކުރިން ޖައްސާފައި އޮތް ދަރަނި އެތައް ތަނަކުން ލުއިވެގެން ގޮސްފައިވާކަމަށާއި އަދި އަންނަންއޮތް ޖީލުތަކަށްޓަކައި މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް އިރާދަކުރެއްވިއްޔާ ގެންދެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

