
މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ ތެރެއިން ބާތިލުކޮށްފައިވާ އެއް ވޯޓަކީ ސައްހަ ވޯޓެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމާ ގުޅިގެން، އެ އިންތިހާބު އަލުން ބާއްވަން ޖެހިއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)ގެ ކެންޑިޑޭޓް ސުހާ އިބްރާހީމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު ވާދަކުރެއްވި މި އިންތިހާބު، އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ އެންމެ ވޯޓެއްގެ ތަފާތުން ޝާހިދު ކާމިޔާބުކުރެއްވި ކަމަށެވެ. ނަމަވެސް، ސުހާއަށް ލިބިވަޑައިގަންނަވަންޖެހޭ ދެ ވޯޓެއް ގޯސްކޮށް ބާތިލުކޮށްފައިވާކަމަށް ބުނެ، އެ ނިންމުން ބަދަލުކުރުމަށް އެދި އޭނާގެ ފަރާތުން މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ކޯޓުގެ މި ފަހުގެ ނިންމުމާ އެކު ދެ ބޭފުޅުންނަށް ވެސް މިހާރު ލިބިފައި ވަނީ ބަރާބަރު 392ވޯޓެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރި ދެ ކަރުދާހުގެ ތެރެއިން އެއް ކަރުދާހުގައި، ފާހަގަޖެހުމަށްފަހު އޭގެ މަތިން ގަލަމުން ފަވާފައިވީ ނަމަވެސް، އެހެން އިތުރު ކުރެހުމެއް ނެތުމުން އިންތިހާބުކުރަން ބޭނުންވި ކެންޑިޑޭޓަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންކަމުން އެއީ ސައްހަ ވޯޓެއްކަމަށް ބަލައިގަނެ، ނަތީޖާ އަލުން އިއުލާނުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަނެއް ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގައިގެ އިތުރުން އެހެން ނިޝާނެއް އިންކަން ފާހަގަވާތީ، އެ ވޯޓު ބާތިލުކުރަން ކޮމިޝަނުން ނިންމި ނިންމުން ރަނގަޅުކަމަށް ހުކުމުގައިވެއެވެ.
ހައިކޯޓުގެ އަމުރާ އެއްގޮތަށް އަލުން ނަތީޖާ އިއުލާނުކުރުމަށް ކޮމިޝަނަށް އަންގާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ކޯޓުތަކުގައި ހުރި މިފަދަ ހުރިހާ މައްސަލަތަކެއް ނިމުމުން ނޫނީ މިކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ހާމަނުކުރާނެ ކަމަށެވެ.
މިއީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ގޮތަށް ހައިކޯޓުން ހުކުމްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މ. ވޭވަށު ކައުންސިލްގެ އިންތިހާބާ ގުޅޭގޮތުން ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހު ހުށަހެޅުއްވި މައްސަލައެއްގައި ވެސް ކޯޓުން ވަނީ ނަތީޖާއަށް ބަދަލު އަންނަ ފަދަ ހުކުމެއް ކޮށްފައެވެ.

