
އަދަދު ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ނެރުނު ޑޮކިއުމަންޓްރީއަ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ރޭ ވަނީ އެއްވެސް ފަރާތަކުން ދައުވާއާ ގުޅުން ހުރި ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި އަދި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުނެރެފައެވެ. ނަމަވެސް ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ފާޅުގައި ކޯޓު އަމުރާއި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް ކަމަށެވެ.
“އަޅުގަނޑު މި ހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް” ނަޝީދު ވިދާޅުވިއެވެ.
ރޭ ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ޝަރީއަތް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި ސިިއްރުކޮށްގެން ކަމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އަމުރު ނެރެފައެވެ. އަދި އަމުރުގައި ބުނެފައިވާ ކަންކަމާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

