
ދުނިޔެއަށް އަންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއްވަރަށް ރާއްޖޭގެ ރައްޔިތުންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން، އެ އިދާރާގެ މަސައްކަތްތައް ފުޅާކޮށް މުޅި ނިޒާމު ސިވިލް ރަޖިސްޓްރޭޝަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށަން ވިސްނަވާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިޢުލާންކުރައްވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އަށް 42 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަބަދުވެސް ފާރަވެރިވެ، އެ ކަންކަމަށް މަރުޙަބާކިޔަން ޑީއެންއާރުން ތައްޔާރަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި ކުރިމަގުގައި އެ އިދާރާގެ ޚިދުމަތްތަކާއި ދައުރު އެތައް ގުނައަކަށް ފުޅާވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި ޑީއެންއާރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށްވުރެ ފުރިހަމައަށް މުވައްޒަފުން ނަތީޖާ ނެރެދެއްވާކަން ފާހަގަކުރައްވައި، އެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނާއި މިހާރުގެ މުވައްޒަފުންގެ ބުރަ މަސައްކަތަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޢުލޫމާތު ބެލެހެއްޓުމާއި އައިޑީކާޑު ހެދުމުގެ ކަންކަން ރެގިއުލޭޓްކުރުމަށްޓަކައި 1984 ވަނަ އަހަރު އުފެއްދި ޑީއެންއާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް ތަފާތުކުރުމެއްނެތި، ޒަމާނީ ފެންވަރުގައި އަވަސް އަދި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

