
ތުއްތު ކުދިންނަށް ދެވޭނެ އެންމެ މަތިވެރި ލޯތްބަކީ އެކުދިންނަށް ދީނީ އަދި ދުނިޔަވީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ އެކްސް މެދުވެރިކުރައްވައި ދެއްވި ޚާއްޞަ މެސެޖެއްގައި ރާއްޖޭގެ އެންމެހައި ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކުދިން ބޮޑުވަމުން އަންނަ މަރުޙަލާތަކާ ގުޅޭގޮތުން އެކަށީގެންވާ ތަޢުލީމާއި ރިވެތި އާދަކާދަތައް ދަސްކޮށްދިނުމަކީ މުޅި މުޖުތަމަޢާއި ސަރުކާރު ގުޅިގެން އަދާކުރަންލާޒިމު ޤައުމީ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން މާދަމާގެ މުޖުތަމަޢުގައި އެކުދިންނަކީ ފައިދާކުރަނިވި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި ކުޑަކުދިންނަށާއި ޢާއިލާތަކަށް ނުހަނު ލޯތްބާައެކު އަރިސްކުރަން.
ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން… pic.twitter.com/Y9PltjfBcy
— Dr Mohamed Muizzu (@MMuizzu) May 10, 2026
ހަމައެހެންމެ، އެއްވެސް ކުއްޖެއްގެ ނައުމާންކަމާއި މައުސޫމުކަމަށް ގެއްލުންވެދާނެ ފަދަ އަމަލެއް ނުވަތަ ބަހެއް ބޭނުންކުރުމަށް ފުރުޞަތު ނުދީ، ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީވެސް ކުދިންނަށް ހަގީގީ ކުލުނު ދައްކައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޔާންކުރައްވާފައެވެ. ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 10ވަނަ ދުވަހަކީ ކުޑަކުދިންގެ ޚާއްޞަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

