
ދިވެހިރާއްޖެއަށް އިލެކްޓްރޯނިކް ޕާސްޕޯޓު އެތެރެކުރުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، ސްޓޮކް ހިފެހެއްޓުމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އާންމުންނަށް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ބަޔާންކޮށްފައިވާ ގޮތުގައި، އާދައިގެ ޕާސްޕޯޓަކަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަށް ވެސް މި ވަގުތު ދޫކުރަމުން ގެންދާނީ އިލެކްޓްރޯނިކް ނޫން ޕާސްޕޯޓެވެ. މިއީ އަލަށް ގެންނަންޖެހޭ އީ-ޕާސްޕޯޓު ބުކްލެޓްތައް ރާއްޖެއަށް ވާސިލުވުން ލަސްވުމުގެ ސަބަބުން، ހުރި ސްޓޮކް އެންމެ ފުރިހަމަ ގޮތުގައި މެނޭޖުކުރުމަށް އެޅި ފިޔަވަޅެކެވެ.
09 މެއި 2026 އިން ފެށިގެން ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމާ ގުޅޭ،
އިތުރު ތަފްސީލު:https://t.co/rzWkD1Ht9g pic.twitter.com/OAhfqrsdNg
— Maldives Immigration (@ImmigrationMV) May 8, 2026
މި ގޮތަށް ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީވެސް ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ޖަމިއްޔާ (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އަދި މެޝިނުން ކިޔޭނެ ފަސް އަހަރުގެ މުއްދަތެއް ލިބިދޭ ރަސްމީ ޕާސްޕޯޓެކެވެ. މީގެ އިތުރުން، އާދައިގެ އީ-ޕާސްޕޯޓެއް ހެއްދުމަށް 1،000 ރުފިޔާ ޚަރަދުވާއިރު، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ދައްކަންޖެހެނީ 600 ރުފިޔާގެ ފީއެކެވެ.
ކުރިއާ ޚިލާފަށް، އިމިގްރޭޝަނުން ވަނީ މި ދަނޑިވަޅުގައި އާންމުންނަށް ލުޔެއް ދިނުމުގެ ގޮތުން ހާއްސަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާ ފަރާތްތަކުން އޭގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެއްވެސް ކެންސަލޭޝަން ފީއަކާ ނުލައި އާ ޕާސްޕޯޓު ހެއްދޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.

