
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސަރުކާރުގެ ނުފޫޒުގެ ދަށުން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ތުހުމަތުކުރައްވައި، އެ ކޮމިޝަނުން ދާދިފަހުން ނެރުނު ބަޔާން އަނބުރާ ގެންގޮސް އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން މައާފަށް އެދުމަށް އެ ޕާޓީގެ އަމީންއާންމު މުޙައްމަދު މަލީޙް ޖަމާލް ގޮވައިލައްވައިފިއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަލީޙު ވިދާޅުވީ، ޕީއެންއެފްގެ ސިލްސިލާ އެއްވުންތަކަކީ ގާނޫނާ ޚިލާފު ހަރަކާތްތަކެއް ކަމަށް ކަނޑައަޅައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީ އީސީން ނެރުނު ބަޔާނަކީ ސީދާ ސަރުކާރުން އަންގައިގެން، އެ ޕާޓީގެ އަގުވައްޓައިލުމުގެ ބޭނުމުގައި ނެރެފައިވާ ބަޔާނެއް ކަމަށެވެ. އަދި އެ ބަޔާނުގައި ޕާޓީން ޚިލާފުވީ ގާނޫނުގެ ކޮން މާއްދާއަކާކަން ކޮމިޝަނަށް ސާފުކޮށްދެވިފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕާޓީ އުފެއްދުމުގެ މަރުހަލާގައި ވެސް އީސީގެ ބައެއް މެންބަރުން ގަސްތުގައި ހުރަސްއަޅައިފައިވާކަމަށް މަލީޙު ތުހުމަތުކުރެއްވިއެވެ. އެގޮތުން، ހުއްދަ ލިބިގެން ޣިޔާޘުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ފުލުހުން މެދުވެރިކޮށް ހުރަސްއެޅުމުގެ އަޑީގައި ތިބީ ވެސް އެ ކޮމިޝަނުގެ ބޭފުޅުންކަމަށާއި، އެންމެ ފަހުން ޖަލްސާ ބާއްވަން ޖެހުނީ ރާޅުގަނޑު ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އީސީގެ އަމަލުތަކަށް ފާޑުވިދާޅުވަމުން މަލީޙު ވަނީ، ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުކުރި މައްސަލައަށް ކޮމިޝަނުން ލޯމަރައިލިކަމަށް ވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އެންމެ ހަރަކާތްތެރި އަދި އެންމެ ޒިންމާދާރު ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވަނީ ޕީއެންއެފްއިން ކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ.

