
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ޓައިމްލައިން ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ޓީމުގެ ފަރާތުން ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އެ ޓީމުން ދޮގުކޮށްފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، މި މައްސަލައަކީ ވާދަވެރި ކެންޑިޑޭޓުގެ ޓީމުން ކޯޓަށް ވެއްދި މައްސަލައެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަފުޅުދައްކަވާފައެވެ. ނަމަވެސް ނަޝީދުގެ ކެމްޕޭން ތަރުޖަމާނު ޢަބްދުﷲ ވަޙީދު ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅުއްވި ވަކީލު ޢަބްދުﷲ ޝާއިރު އެކަން ކުރެއްވީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަމަށާއި، އެއީ ކެމްޕޭން ޓީމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެ ޓީމުގެ ހުރިހާ ނިންމުންތަކާއި ފިޔަވަޅުތައް ސިއްރުކުރުމެއްނެތި ހާމަކުރަމުން ގެންދާނެކަމަށް ވެސް ބަޔާނެއްގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، އެފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާމެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވެ، ޕާޓީގެ ބައިބައިވުން އުފެދިދާނެ ކަމެއްކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި ނަޝީދުގެ ފަރާތްޕުޅުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އިންތިޚާބު ބާއްވައި، މެމްބަރުންނަށް ގޮތް ނިންމުމުގެ ފުރުޞަތު ދިނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ ޖޫން މަހުގެ 12ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދާއި މެމްބަރު މީކާއީލެވެ. ވަކީލު ޝާއިރު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، އިންތިޚާބުގެ ޓައިމްލައިން އެކުލަވާލާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށްވާތީ، އެ ޓައިމްލައިނާއި އިންތިޚާބުގެ އިއުލާން ބާތިލުކޮށްދިނުމަށެވެ.

