
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޑޮކްޓަރު ޖަގަތް ވިކްރަމަރަތްނަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް ސްރީލަންކާއަށް އިއްޔެ ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ބޭއްވެވި މި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
އަދި، މި ގުޅުމަކީ، ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމަށާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި ވެސް ހާއްސަ ގުޅުމެއް އުފެދިފައިވާކަމަށް ވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް މަސައްކަތްކުރުމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ހަމައެހެންމެ، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް، ދެ ގައުމުގެ ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މައުލޫމާތު ހިއްސާކުރުމަކީ މުހިންމުކަމެއްކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުން ނިންމަވާލައްވާފައި ވަނީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ބޭފުޅުން ވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

