
މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޗެއާޕާސަން އިންތިހާބުގެ ކަންކަން ރާވާފައިވާކަމަށް ބުނެ، އެ އިންތިހާބުގެ ތާވަލު ބާތިލްކޮށްދިނުމަށް އެދި ގާނޫނީ ވަކީލެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ޝަރުއީ މަރުހަލާއަށް ގެންދެވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުގެ ފަރާތުންނެވެ. އޭނާ ކޯޓަށް ހުށަހެޅުއްވި ލިޔެކިޔުންތަކުގައި ބަޔާންކޮށްފައި ވަނީ، ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ނެރެފައިވާ އިއުލާނާއި ކަނޑައަޅާފައިވާ ތާރީހުތަކަކީ އެމްޑީޕީގެ މައިގަނޑު ގަވާއިދުތަކާ ފުށުއަރާ ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން އެ ނިންމުންތަކަށް އަމަލުނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.
ޕާޓީގެ އެންމެ އިސް އެއް މަގާމު ކަމަށްވާ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ވޯޓުލުން ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 12ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް އެދި ހުށަހެޅި މި މައްސަލަ ސިވިލް ކޯޓުން ރަސްމީކޮށް ބަލައިގަތްކަން ނުވަތަ ނޫންކަން އަދި މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.

