
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ “ފަހި” ފްލެޓްތަކަށް މީހުންގެ ރަށްވެހިކަން ބަދަލުކޮށް، އެ ތަންތަނުގެ ރަޖިސްޓްރީ ހެދުމުގެ މަރުހަލާގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، މާލެ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތްތައް ނިމެމުންދާ މިންވަރަކަށް ބަލައި، ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ދުވެލީގައި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިންސާފުވެރި ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެކަން ނުކުރެވިއްޖެނަމަ ފްލެޓްތައް ގަވާއިދާ ހިލާފަށް ކުއްޔަށް ދިނުން ފަދަ ނުރަނގަޅު އާދަތައް ނުހުއްޓުވޭނެކަމަށް އެމަނިކުފާނު އިންޒާރުކުރެއްވިއެވެ.
މީގެ އިތުރުން، ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައިވާ 450 އަށްވުރެ ގިނަ ފްލެޓް ސަރުކާރުން މިހާރު އަތުލާފައިވާކަން ފާހަގަކުރައްވައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން މާލެއާއި އައްޑޫ ސިޓީ ކައުންސިލުން އަމަލުކުރަމުންދާ ގޮތާމެދު މުއްތަލިބު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

