
މެއިރުމަތީ މެދުތެރޭގައި އުފެދިފައިވާ ބޮޑު ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެ، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އާމްދަނީއަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން، ރާއްޖޭގެ އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އަދި ޓީއެމްއޭ އިން މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފިއެވެ.
މަންޓާ އެއާގެ މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް ތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ޓޫރިޒަމް ބުކިންތައް ކެންސަލްވަމުން ދިއުމާއި ކުރިއަށް ހުރި މަސްތަކުގެ ބުކިންތައް މަދުވުމުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ބުރޫއަރާތީ، މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނީ މި ބަދަލު ފުރަތަމަ ތަންފީޒު ކުރާނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އަދި ޖުލައި މަހުގެ ނިޔަލަށް މި ނިންމުން މުރާޖައާކޮށް، ހާލަތަށް ބަލައި އިތުރު ގޮތެއް ނިންމާނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭއިން ވެސް ވަނީ މުވައްޒަފުންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރަން ނިންމާފައެވެ.
ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ފްލައިޓްތައް ކެންސަލްވުމާއި ފަތުރުވެރިން އައުން މަދުވުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތައް ދެމެހެއްޓުމަށްޓަކައި މުސާރަ ކުޑަކުރުން މަޖުބޫރުވެފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެޕްރީލް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު % 26.9 ދަށްވެފައެވެ.

