
ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ފެނިފައެވެ.
އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަހުމަދު ނަވްޝާދު (41އ)އެވެ.
ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

