
ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ މެންބަރުން ވޯޓު ދެއްވުމަށްފަހު، ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް ހަޅޭލެވުމަކީ އެއްވެސް އޮއްޓަރެއް ހުރި ކަމެއް ނޫންކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މީސްމީޑިއާ އެކްސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި އިސް މަޤާމުތަކެއް ފުރުއްވި އަކްރަމް ފާހަގަކުރެއްވި ގޮތުގައި، ދާޚިލީ ވަޒީރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމި ނިންމުމަކީ، ޑީއެންއާރުގެ ކާޑުގެ މައްސަލައާއި ‘އަދަދު’ ނޫހާމެދު އެ ވުޒާރާއިން އަމަލުކުރި ގޮތް ބަލައިގަތުން ކަމުގައެވެ. އެހެންކަމުން، ވަޒީރުންގެ އަމަލުތައް ރަނގަޅުކަމަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވުމަށްފަހު، ރޭގަނޑުގެ ވަގުތުތަކުގައި ނުކުމެ އަޑުއުފުލުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ފެކްޝަންތަކުގެ މެދުގައި ބަހުގެ ހަމަލާތަކާއި ތުހުމަތުތައް ބަދަލުކުރަން ފަށާފައެވެ.
ޕާޓީގެ ޤަވާއިދުގައި ބުނަނީ ޕީޖީ ގްރޫޕުން މަޖިލިހުގައި ވޯޓުދޭއިރު ޕާޓީގެ ސިޔާސަތުތަކަށް ބާރު އަޅަންވާނެ ކަމަށް.
މީގެ ކުރިން ހަދާގޮތަށް މިވަރުގެ ކަމެއްގައި ޕާޓީގެ ޕީޖީ ގްރޫްޕް
ފިޔަވާ އެހެން ގުނަނެއްގައި މަޝަވަރާ ކުރެވުނުތޯ ނުވަތަ ލަފައެއް ހޯދުނުތޯ؟ޕާޓީގެ ސިޔާސީ އެންމެ އިސްފަރާތް… https://t.co/QFhpv2ZNOx pic.twitter.com/cX9zyvCpro
— Akram Kamaludeen (@Akramkdeen) May 1, 2026
މީގެ އިތުރުން އަކްރަމް ވަނީ، ޕާޓީގެ އަސާސީ ޤަވާއިދު ބަޔާންކުރާ ގޮތުން މަޖިލީހުގައި ވޯޓު ބޭނުންކުރަން ވާނީ ޕާޓީގެ ސިޔާސަތުތައް ނެގެހެއްޓުމަށްކަން ހަނދާންކޮށްދެއްވާފައެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މުހިންމު ނިންމުން ނިންމިއިރު، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ލަފާފުޅެއް ހޯއްދެވިތޯ ވެސް އޭނާ އެއްސެވިއެވެ. ހަމައެއާ އެކު، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ މީކާއީލް ނަސީމްގެ ނަޒާހަތްތެރިކަމާއި ޤާބިލުކަމާމެދު ވެސް އަކްރަމް ވަނީ ޝައްކު އުފައްދަވާފައެވެ.
ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ 12 މެންބަރުންގެ ތެރެއިން 8 މެންބަރަކު ވަނީ ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް ތާއީދުކުރައްވާފައެވެ. އޭގެ ތެރޭގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ އިތުރުން މައުރޫފް ޒާކިރާއި، ހުސައިން ސަމީރާއި، މުޙައްމަދު ނިއުޝާދާއި، އަޙްމަދު ޝާކިރު އަދި އަޙްމަދު ދީދީ ހިމެނެއެވެ. މި ނިންމުމާ ގުޅިގެން، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ޒާތީ ގޮތުން ފުރައްސާރަކުރަމުންނެވެ.

