
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ފަހުގެ މައުލޫމާތުތައް މީޑިއާތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ޚާއްސަ ސިލްސިލާއެއް މިއަދު ފައްޓަވައިފިއެވެ.
“ޕްރެސަރ ވިތު ދަ ސްޕޯކްސް” ގެ ނަމުގައި ފެށި މި ހަރަކާތުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، މީގެ ސަބަބުން ނޫސްވެރިން ލިޔާ ރިޕޯޓުތަކަށް ބޭނުންވާ ސަރުކާރުގެ ބަހާއި ތަފާސްހިސާބުތައް ހޯދުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ހިންގާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ އެންމެ ފަހުގެ ތަފްސީލުތައް ވެސް މި ބައްދަލުވުންތަކުގެ ތެރެއިން މީޑިއާތަކާ ހިއްސާކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންނާ ހަމައަށް ސަރުކާރުގެ ޚަބަރުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގެ މުހިންމު ބައިތައް ގެނެސްދިނުމަށްޓަކައި ސޯޝަލް މީޑިއާގެ އާ މަންސަތަކެއްވެސް މިއަދު ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން ޓިކްޓޮކް އަދި އިންސްޓަގްރާމްގައި ބޭނުންކުރުމަށް “ދަފީޑް.އެމްވީ” ގެ ނަމުގައި ޚާއްސަ އެކައުންޓްތަކެއް މި ބައްދަލުވުމުގެ ތެރެއިން ވަނީ އިފްތިތާހުކޮށްފައެވެ.

