
މިއަހަރު ދިވެހިރާއްޖެއިން މާތްވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ފަރާތްތަކަށް، އެފަރާތްތަކަށް ބޭނުންވާނެ ފޮށްޓާއި ޚާއްޞަ ކިޓްތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން މިއަދު އިސްލާމީ މަރުކަޒުގައި ދޫކުރަން ފަށައިފިއެވެ.
ފުރިހަމަ އެއް ތީމަކަށް ފަރުމާކޮށްފައިވާ މި ކިޓުގައި ދަތުރުވެރިންނަށް އެންމެ ބޭނުންތެރި ގިނަ ތަކެތި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މައިގަނޑު ލަގެޖުގެ އިތުރުން، ޙައްޖުގެ އެންމެ މުހިންމު ފަސް ދުވަހު ބޭނުންކުރުމަށް ޚާއްޞަ އަތްދަބަހަކާއި، ފައިވާން އަދި ރީތިވާ ސާމާނު އަޅާނެ ކުދި ދަބަހުގެ އިތުރުން ފިރިހެން ބޭފުޅުންނަށް ބޭނުންވާނެ އިޙްރާމް ހިމެނެއެވެ.
މީގެ އިތުރުން، އަޅުކަމުގެ ކަންކަން އޮޅުންފިލުވައިދޭ މަޢުލޫމާތު ފޮތަކާއި، ފެންޖެހުނު ކަމުގައިވިޔަސް ހަލާކުނުވާނެހެން ތައްޔާރުކޮށްފައިވާ ޖީބަށް ލައިގެން ގެންގުޅެން ފަސޭހަ ދުޢާ ކާޑެއް ވެސް ކޮންމެ ޙައްޖުވެރިޔަކަށް ލިބޭނެއެވެ. ފޮށީގައި ހަރުކުރާނެ މަޢުލޫމާތު ކާޑާއި ކަރުގައި އަޅުވާ ފާސް، ޙައްޖުވެރިންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބައްދަލުވުންތަކުގައެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 15ވަނަ ދުވަހުއެވެ. އަދި ބާކީ ތިބި މީހުން 17، 18 އަދި 19ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މިއަހަރު ޙައްޖު ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްޞަކޮށް މިނާގައި ތިބޭ ޓެންޓުތަކުގެ އިންތިޒާމުތައް ހަރުދަނާކޮށް، އެންމެ މަތީ ފެންވަރުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖާޖީންނަށް ކިޓު ދޫކުރުން މިވަގުތު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދަނީ#އިތުބާރާއިޔަޤީންކަން #ޙައްޖު1447 pic.twitter.com/AnxCoojXq4
— Maldives Hajj Corporation Limited (@Hajjcorporation) April 29, 2026
ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކޮންމެ އަހަރަކު ވެސް 1000 މީހުންގެ ކޯޓާއެއް ދޫކުރާއިރު، އޮފިޝަލުންނާއި އެހީތެރިން ވެސް ދަތުރުކުރަނީ ހަމަ މި ކޯޓާގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.

