
ބާރަށް ގުގުރައި ވިދުމުގެ ސަބަބުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި އިމާރާތަކަށް ހޮނުއަޅައި، އެތަނުގެ މަތީ ބައިން ކޮންކްރީޓްތަކެއް ތިރިއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ހުޅުމާލޭ ސަހަރާ ކައިރީގައި ހުންނަ މި އިމާރާތަށް ހޮނުއެޅުމާ ގުޅިގެން ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށް ވަނީ ފާހަގަކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައެވެ. މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި، ހޮނުއެޅުމާ އެކު ޢިމާރާތުގެ ބައިތައް ބުރައިގެން ގޮސްފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. މޫސުން ގޯސްވެ ހޮނުއެޅުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ވަގުތުކޮޅަކަށް ކެނޑިފައެވެ.

