
ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ސައިކަލުގައި ރޯކޮށްލީ ރޭ ކަމަށެވެ.
އިސްވެރިޔާ ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި އެ ސައިކަލުގައި ރޯކޮށްލުމުގެ ސަބަބުން އެ ގޭގެ ގޭޓަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ އިރު ސައިކަލުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
އެ ސައިކަލުގައި ރޯކޮށްލީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.
ރުޅިވެރިކަމާއި ބަދަލު ހިފުންފަދަ ކަންކަމުގައި މީގެ ކުރިން ވެސް ސައިކަލުގައި ހުޅު ޖެހުން ފަދަ ކަންކަން ކޮށްފައިވެއެވެ.

