
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި، އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ތާއިދު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއަށް ތާއިދު އޮތްކަން ހާމަކޮށްފިއެވެ.
އެ އިންތިހާބުގައި ޗެއާޕަސަންގެ މަގާމަށް މީކާއިލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
މިއަދު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މީކާއިލްއަށް ތާއިދުކުރަން ނިންމެވި ސަބަބުވެސް ހާމަކުރައްވައިފައެވެ.
އެގޮތުން ކުރީގެ 19 މަޖިލީހުގައި ވެސް މީކާއިލް އެ ދާއިރާއަށް ހޮވި ވަޑައިގެންނެވި އިރު އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ވެސް މީކާއިލް އޭނާގެ ގޮނޑި އަލުން ކާމިޔާބުކުރިކަން ނާޒިލް ފާހަގަކުރެއްވިއެވެ.
ނާޒިލް އެފަދައިން ވިދާޅުވި އިރު ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދު އޭރު އެމްޑީޕީއާ ވަކިވެ އުފެއްދެވި ޕާޓީ، ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވެއެވެ.
ރައީސް ނަޝީދުއާއި އެމަނިކުފާނަށް ވަފާތެރި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަަމަވެސް އަދިވެސް އެ ޕާޓީގެ ތެރޭގައި އިންތިހާއަށް ކޯޅުންތައް އެބައޮތެވެ.
އެގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވާހަކަ ދައްކަން ނުދިން މައްސަލަ ހޫނުވެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ވެސް ހުށަހެޅިއެވެ. ނަމަވެސް ފަހުން އެ މައްސަލަ ނެގިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުން އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

