
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްކަމުގެ މަޤާމަށް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59ވަނަ މާއްދާ ބަޔާންކުރާ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި އެލްޖީއޭ ތަމްސީލުކޮށް ޖަވާބުދާރީ ވާނީ އެ އިދާރާގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރެކެވެ. މި މުހިންމު އައްޔަންކުރެއްވުމާ ގުޅިގެން އެލްޖީއޭގެ ފަރާތުން ވަނީ އައު ރައީސް، މޫސާ ޒަމީރަށް މަރުޙަބާ ދަންނަވާފައެވެ.
އެލްޖީއޭގެ އެންމެ އިސްވެރިޔާގެ މަޤާމަށް މާލީ ވަޒީރު އައްޔަންކުރައްވާފައި މި ވަނީ، ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ބޮޑެތި އިޞްލާޙުތަކެއް ގެންނަވާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން، ދާދިފަހުން ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ބައެއް ވުޒާރާތަކާއި އިދާރާތައް އުވާލައްވައި އަދި އަނެއްބައި ތަންތަން އެއްކޮށްލެއްވުމުގެ އިތުރުން، މުއައްސަސާތަކުގެ މެންޑޭޓުތަކަށް ވަނީ ފުޅާ ދާއިރާއެއްގައި ބަދަލު ގެންނަވާފައެވެ. ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އެޅުއްވި މި ފިޔަވަޅުތަކާ އެކު، މިހާރު ވަޒީރުންގެ މަޖިލީހުގައި ތިއްބަ ވަނީ ޖުމްލަ 15 ވަޒީރުންނެވެ.

