
މަސްތުވާތަކެތީގެ މައްސަލައެއްގައި ށ.ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ / ގުލްޒާރުގެ، ޝާހް ސުލައިމާން (34އ)އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި އިއްޔެ ފޯކައިދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ފޯކައިދޫ ބަނދަރު ސަރަހައްދުން ޝާހު ހުއްޓުވި ވަގުތު އޭނާ އެއްޗެއް އެއްލައިލިތަން ފެނުމުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

