
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީފާ ދިނުމުގެ އުސޫލުތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެއްގެ މާނަ މުޅިން ބަދަލުވާގޮތަށް އޮންލައިން ނޫހަކުން ޝާއިޢުކުރި ޚަބަރެއް ރައީސް އޮފީހުން މިއަދު ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހާމަކުރެއްވި ގޮތުގައި، ކެމްޕޭނާ ދިމާކޮށް ނަހަމަ ގޮތުގައި ވަޒީފާތަކެއް ދިންކަމަށް ރައީސް އެއްބަސްވެވަޑައިގަތް ކަމަށް ބުނެ އެ ނޫހުން ލިޔެފައި ވަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެކެވެ. މިއީ އެހެން މީޑިއާއަކުން ދެންނެވި ސުވާލަކަށް ރައީސް ދެއްވި ޖަވާބުގެ ރޫޙާ ޚިލާފަށް، ވަކި މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ލިޔެފައިވާ ޕްރޮފެޝަނަލް މިންގަނޑުތަކާ ބީރައްޓެހި ލިޔުމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މިފަދަ އަޚުލާޤީ މިންގަނޑުން ބޭރު ލިޔުންތަކުގެ ޙަޤީޤަތް ރައްޔިތުންނަށް އަބަދުވެސް ސާފުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ތަރުޖަމާނު ދެއްވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އަސްލު ވިދާޅުވެފައި ވަނީ، ސިޔާސީ ބޭނުމަށް ވަޒީފާ ބެހުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަށް ފަހުގެ އިންތިޚާބުން ރައްޔިތުން ގޮވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ކުންފުނިތަކަށާއި ވުޒާރާތަކަށް މީހުން އައްޔަނުކުރާނީ ހަމައެކަނި ތަޢުލީމާއި ތަޖުރިބާއަށް ބިނާކޮށްކަމަށާއި، ޤަވާޢިދާ ޚިލާފަށް ދީފައިވާ ވަޒީފާތައް ބާތިލުކުރުމަށް ވެސް މިހާރު އަންގަވާފައިވާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފަރާތްތަކުން ހިންގާ ބައެއް ނޫސްތަކުން މިފަދައިން ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ޚަބަރު ފެތުރުމަކީ އާންމުވަމުންދާ ކަމެކެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިމެ، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމަށާއި ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

